މައުމޫނު ފުރަތަމަ ހުވާކުރިއިރު ހަތިޔާރު ހިފައިގެން ހުރިކަމަށް އޭނާ އަމިއްލައަށް އެއްބަސްވެފައިވޭ

16 ސެޕްޓެމްބަރ 2008 ދުވަހުގެ ރޭ ޓީވީ މޯލްޑިވްސް އިން ވަގުތުން ދެއްކި “ސިޔާސަތު” ޕްރޮގްރާމްގައި ޑީއާރުޕީގެ ފަރާތުން މިފަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މައުމޫނު އަބްދުލްގައްޔޫމް ހެދި ދޮގުތަކުގެ ތެރެއިން އެންމެ ފާޅުކަން ބޮޑު އެއް ދޮގަކީ އޭނާ ނޮވެމްބަރ 1978 ގައި ރާއްޖޭގެ ވެރިކަމާ ފުރަތަމަ ފަހަރަށް ހަވާލުވެ ހުވާ ކުރިރޭ ފިސްތޯލަ ހިފައިގެން ނެތް ކަމަށާ އޭނާގެ އެކުވެރިން ވެސް ފިސްތޯލަ ހިފައިގެން ނެތް ކަމަށް ބުނެ ހެދި ދޮގެވެ. އިބްރާހިމް ނާސިރުގެ ވެރިކަން ވައްޓާލުމަށްޓަކައި މައުމޫނާއި އޭނާގެ ބައިވެރީން ފިސްތޯލަ އެތެރެކުރީ މާލޭގައި އޭރު ހިންގަމުން ގެންދިޔަ ލީބިޔާ އެމްބަސީ މެދުވެރިކޮށެވެ. ނަމަވެސް ނާސިރު ވެރިކަން ދޫކުރުމަށް ނިންމުމާއެކު އިންތިޚާބުގެ ތެރެއިން ވެރިކަމަށް އައުމުގެ މަގު މައުމޫނަށް ފަހިވިއެވެ. ހަތިޔާރު ހިފައިގެން ހުރެ ހުވާ ކުރި ކަމަށް މައުމޫނު ވަނީ 28 އެޕްރީލް 1980 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ތަގުރީރު ކުރަމުން އެއްބަސްވެފައެވެ.

“އެރޭ މިތަނަށް ހުވާކުރަން އައި އިރު އަޅުގަނޑުގެ ވަރަށް އެކުވެރި ވަރަށް ގާތް ހައެއްކަ ބޭފުޅުންގެ އަތްޕުޅުގައި ހަތިޔާރު ވެސް ހުންނާނެ. އެއީ އެއްވެސް ކަމެއް ދިމާވެއްޖިއްޔާ ހަމަ ވަގުތުން އެރޭ ވެސް އަޅުގަނޑުމެން ގަސްދުކުރީ ރައްޔިތުން އެކަން ނިންމާފައި އޮތްގޮތަށް ކަންތައްތައް ގެންދަން. އެއްވެސް މީހެއްގެ ބިރުދެއްކުމަކަށް ބިރު ނުގަންނަން. ގާނޫނީ ގޮތުން ރައްޔިތުން އަޅުގަނޑު ހޮވާފައި ވާތީ އަޅުގަނޑު ގަސްދުކޮށްފައި އޮތީ ކޮންމެ ކަމެއް ދިމާވިއަސް އެކަމުގައި ހުންނަން. އެހެންވީމާ އޭރުގެ ގޮތުން ބަލާއިރު އެރޭ އެކުރެވުނީ ޣައިރު ގާނޫނީ ކަމަކަށް ވެސް ވެދާނެ. އޭރު އަޅުގަނޑު އަދި ރައީސް ކަމާ ހަވާލެއް ނުވަން. އެހެން ނަމަވެސް އަޅުގަނޑު އަތުގައި ހަތިޔާރު ހުރި. އަދި އަޅުގަނޑު މިދެންނެވި މީހުންގެ އަތުގައި ވެސް ހަތިޔާރު ހުރި. އެއީ އޭރު ކަންތައް އޮތްނެތް ގޮތެއް ނޭގޭތީ ރައްޔިތުންގެ ދިފާއަށްޓަކައި. ކޮންމެވެސް ނުބައި ރޭވުމެއް ރޭވިގެން އެރޭ ކަންތައްތައް އެހެން ގޮތަކަށް ހިގައިދާނެތީ އަޅުގަނޑު ހަމަޖެއްސި ހަމަޖެއްސުމެއް.” 28 އެޕްރީލް 1980 ގައި ރައްޔިތުންގެ މަޖިލީހުގައި މައުމޫނު

މައުމޫނު “ސިޔާސަތު” ޕްރޮގްރާމްގައި ބުނީ ހުވާކުރުމުގެ އެއް ދުވަސް ކުރިން، ނާސިރުގެ އެންގެވުމަކަށް އޭރުގެ މިނިސްޓަރ އޮފް ޕަބްލިކް ސޭފްޓީ (އަބްދުލްހަންނާނު ހަލީމް) މައުމޫނުގެ އަތަށް ހަތިޔާރު ގުދަނުގެ ތަޅުދަނޑި ހަވާލުކުރި ކަމަށެވެ. ވީމާ ހަތިޔާރު ހުރީ މައުމޫނުގެ ބެލުމުގެ ދަށުގައި ކަމަށެވެ. ހުވާކުރީ ހަތިޔާރު އަޅައިގެން ހުރެ ނޫން ކަމަށެވެ. ރަހުމަތްތެރިން އަތުގައި ވެސް ހަތިޔާރު އެވަގުތު ނުހުންނާނެ ކަމަށެވެ. ނަމަވެސް މައުމޫނު 1980 ގައި ވެފައިވާ އިއުތިރާފުން އެގެނީ ހުވާކުރަން ރައްޔިތުންގެ މަޖިލީހަށް ދިޔައިރު މައުމޫނުގެ “ވަރަށް އެކުވެރި ވަރަށް ގާތް ހައެއްކަ ބޭފުޅުންގެ އަތްޕުޅުގައި ހަތިޔާރު” ހުރި ކަމާއި މައުމޫނުގެ އަތުގައި ވެސް ހަތިޔާރު ހުރި ކަމެވެ. ހުވާ ކުރާއިރު ކަމެއް ދިމާވެދާނެކަމަށް ބިރު ގަނެފައި ހުރި އިރު ހަތިޔާރު ގުދަނުގައި ހަތިޔާރު ހުރުމުން ވާނެ ފައިދާއަކީ ކޮބައިބާވައެވެ؟ މައުމޫނުގެ އިއުތިރާފުގައި “އޭރުގެ ގޮތުން ބަލާއިރު އެރޭ އެކުރެވުނީ ޣައިރު ގާނޫނީ ކަމަކަށް ވެސް ވެދާނެ” ކަމަށް ބުނެފައި އޮތުމުން ޔަގީންވަނީ މައުމޫނު 1980 ގައި ބުނެފައި ވަނީ ސިއްރުން އެތެރެކުރި ހަތިޔާރު ހިފައިގެން ހުރެ ހުވާ ކުރި ވާހަކައެވެ.

މިކަމާއި ގުޅޭ ގޮތުން ސަންދާނުގައި ލިޔެފައިވާ މަޒުމޫނެއް ކިޔާލުމުން އިތުރު މައުލޫމާތު ލިބޭނެއެވެ.

އަނިޔާވެރި ވެރިކަމުގެ އަނދަވަޅުން ސަލާމަތްވުން

ވެރިކަމަށް އައުމުގެ ކުރިން ރާއްޖޭގެ ގާނޫނާ ޚިލާފަށް ހަތިޔާރު އެތެރެކޮށް އާއްމުންގެ އެތައް ބަޔަކާއި އެކު ހަތިޔާރު އަޅައިގެން ހުރެ މައުމޫނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކޮށް، އުފައްދާފައިވާ ސަރުކާރަކީ ޣައިރުގާނޫނީ ސަރުކާރެއް

މަސްޢޫދު އަޙުމަދު، ސަންދާނު، އަދަދު 18، 15 ސެޕްޓެމްބަރ 2004

ދިވެހިރާއްޖޭގެ މިއަދުގެ އަނިޔާވެރި ވެރިކަމުގެ އަދަވަޅުން ސަލާމަތް ވެވޭނީ ލައްކަ ގުރުބާނީއާއި ގިނަ މަސައްކަތް ތަކެއް ކުރެވިގެންނެވެ. މިއަދުގެ ޒުވާން ފަހުލަވާނުންގެ މިސްރާބު ހުރީ އެދިމާގައިކަން ކަށަވަރެވެ. ރާއްޖެއަށް ބޭނުންވާ ޑިމޮކްރެޓިކް ވެރިކަން މިހާރު މިއޮތް ވެރިކަން އޮވެގެނެއް ނުގެނެސްދެވޭނެއެވެ. އެފަދަ ވެރިކަމެއް ގެނެސްދެވޭނީ މިހާރުގެ ވެރިކަން ގޮސް ރައްޔިތުންގެ ބާރުގައި ވެރިކަން ހިންގޭނޭގޮތަށް ހެދިފައި އޮތް ގާނޫނުއަސާސީ އެއް އެކުލަވާލެވިގެންނެވެ.

އެގިވަޑައިގަންނަވާނެ ފަދައިން މިހާރު އޮތް ވެރިކަމަކީ ގާނޫނު އަސާސީއަށް ހުރުމަތްތެރިކޮށް ހިތާ ވެރިކަމެއް ނޫނެވެ. އެންމެ ފުރަތަމަ މައުމޫން އަބްދުލްގައްޔޫމް ދިވެހިރާއްޖޭގެ ވެރިކަމަށް 1978 ގައި އިސްވިއިރު އޭނާ ހުރީ ގާނޫނު އަސާސީ އާއި ޚިލާފުވެގެން ކަމަށް އޭނާގެ އަމިއްލަ އިއުތިރާފުން ސާބިތުވެއެވެ. އޭނާ ދިވެހިރާއްޖޭގެ ވެރިކަމަށް ހުވާކުރިއިރު ހުރީ ގާނޫނާ ގަވާއިދާ ޚިލާފަށް ރާއްޖެއަށް ހަތިޔާރު (ފިސްތޯލަ) އެތެރެކޮށް އެހަތިޔާރު ހިފައިގެންނެވެ. އަދި އެވަރުން ނުވެގެން އޭނާއަށް އިތުބާރު ހިފޭ ފަރާތްތަކުގެ އަތަށް ފިސްތޯލަދީ އެމީހުންނާއި އެކު ރައްޔިތުންގެ މަޖްލިސް ކުރާ އިމާރާތުގެ ތެރެއަށް ވައްދާފައި ތިއްބެވެ. އާދެ! ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރާ މަޖްލީހަށް ވަދެ ތިބީ ހަތިޔާރު ހިފައިގެންނެވެ. އޭނާގެ މި ޣައިރު ގާނޫނީ އަމަލު 1980 ގައި ރައްޔިތުންގެ މަޖިލީހުގައި އަމިއްލަ އިއުތިރާފުން ސާބިތުވެއެވެ. މިކަމުން ސާބިތު ވަނީ އޭނާއަށް ގާނޫނާ އެއްގޮތްވާގޮތުގެ މަތިން ފުރަތަމަ ފަހަރަށް ވެރިކަން ހަވާލު ނުކޮށްފިނަމަ ހަތިޔާރުގެ ބޭނުން ހިފައިގެން ވެސް ވެރިކަން ހިފާނެކަމެވެ. އޭނާ ބުނީ “އަޅުގަނޑު ގަސްދުކޮށްފައި އޮތީ ކޮންމެ ކަމެއް ދިމާވިއަސް އެކަމުގައި (ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި) ހުންނަން.” އާދެ ގަތުލު އާންމެއް ހިންގަންވެސް ތައްޔާރު ވެގެން ތިބިކަން ސާބިތުކޮށްދޭނެ މިއަށްވުރެ ވަކީން އަލިގަދަ ހެއްކަކީ ކޮބައިތޯއެވެ؟

މިއަމަލާ 1988 ގައި އަބްދުއްލާ ލުތުފީ ތަމަޅަ ބާޣީންނާއި އެކު ރާއްޖޭގެ ވެރިކަން ހިފަން އައި އައުމާއި ހުރި ތަފާތަކީ، އަބްދުއްލާ ލުތުފީ ދިވެހިރާއްޖޭގެ ވެރިކަމަށް ދިވެހި ރައްޔިތުން ހޮވާފައި ނެތްކަމާއި، ބިދޭސީ ބަޔަކު ގޮވައިގެން ރާއްޖެ އައިސް ވެރިކަން ހިފަން އަމަލީ ގޮތުން މަސައްކަތް ކުރި ކަމެވެ.

އޭނާގެ އަމިއްލަ މިއިއުތިރާފުގެ ރެކޯރޑިން އާއި ވީޑިއޯ ފަހަށް ރައްކާކޮށްފައި އެބަހުއްޓެވެ. އަދި އެރޭ މަޖިލީހުގައި ތިބި މެންބަރުންގެ ތެރެއިން ގިނަ ބޭފުޅުން އަދިވެސް ދުނިޔޭގައި އެބަތިއްބެވިއެވެ. މިހުރިހާ ހެކިތަކުގެ މައްޗަށް ބުރަވެ ހުރެ ބުނެވޭނީ މައުމޫނު އުފައްދާފައިވާ ސަރުކާރަކީ ޣައިރު ގާނޫނީ ސަރުކާރެއް ކަމުގައެވެ. އެއްވެސް ޝައްކެއް ދެބަސްވުމެއް މިކަމަކު ނެތެވެ.

މައުމޫނަށް މިހެދުނު ކޮހާއި މެދު އޭނާގެ ގާތް މީހުން ކަންބޮޑުވެގެން އަވަސްވެގަތީ އެކަމުން މިންޖުވެވޭނެ ގޮތްތަކެއް ހޯދައިގަތުމަށެވެ. މިގޮތުން ގާނޫނު އަސާސީ އިސްލާހު ކުރުމަށް އަވަސްވެގަތީ އެވެ. ގާނޫނު ހަދާ މަޖިލިސް އެކުލަވާލުމަށްފަހު ދެން އޭނާގެ ހެވިކަމުގައި 17 އަހަރު ދިގުދަންމާލީ 3 ދައުރު ވެރިކަން ހިންގާލުމަށެވެ. ފާއިތުވެގެން ދިޔަ ދުވަސްތަކުގައި އޭނާގެ ޚުދުމުޚުތާރު އަނިޔާވެރި ވެރިކަމުގެ އަތްގަދަކުރުން ދިޔައީ ދިވެހި ރައްޔިތުންނަކީ ވެރިކަމުގެ ކުނިބުންޏަށް ހަދާ ގާނޫނު އަސާސީއާއި ގާނޫނުތަކަކީ ވެރިކަމުގައި ތިބި މީހުންގެ ހިތަށްއަރާ ގޮތް ކަމުގައި ހަދައިގެންނެވެ. ދިވެހި ރައްޔިތުންގެ ތެރެއިން ވެރިކަމާއި ނުރުހޭ ގޮތުން ޗުއްޕެއް ބުންޏަސް އަދަގޮޑި ޒާހިރާ، ވާވާ، ލޭޑީ، އިސްތަފާ، ފުސްފަރާ، އައްޕައާއި، ޕާޕާއާއި، މިހެން ގޮސް މައުމޫނުގެ ޑެޕިއުޓީންގެ ނުލަފާ އަނިޔާވެރިންގެ އަނިޔާގެ ދަލުގައި ޖެހި އަނިޔާގެ ވަޅުގަޑަށް ވެއްޓުނީއެވެ. އަމުދުން ރައްޔިތުންނަށް އެއްޗެއް ބުނަން ކެރޭނީ ކިހިނެއް ހެއްޔެވެ. ރައްޔިތުންގެ އިއްޒަތްތެރި މެންބަރުން މީނާގެ ސިޔާސަތަށް ކުޑަކޮށް ނުރުހުން ވެލިޔަސް، އެމެންބަރަކުގެ ޒިންދަގީ ދުއްވާލައެވެ. މީގެ ރަގަޅު މިސާލަކަށް މީދޫ އަޒީ އާއި ޝައިޚު އަހުމަދު އާދަމް ހިމެނެއެވެ. އެދެބޭފުޅުން ޖަލަށް ގެންދެވުނީ ދުޅަހެޔޮކޮށް ތިއްބަވަނިކޮށްނެވެ. އެހެނަސް ޖަލުން ނެރެވުނީ ބަލިމީހުންގެ ގޮތުގައެވެ. ޖަލުން ދެވުނު އަނިޔާގެ ސަބަބުން ނުހިންގެވި އެތަކެއް ޒަމާން ވަންދެން ބަލި އެދުގައި އޮންނަވާފައި މީދޫ އަޒީ މިދިޔަ އަހަރު ކުރީކޮޅު އަވަހާރަ ވެއްޖެއެވެ. އަހުމަދު އާދަމް އަދި ބަލި އެދުގައި އެބައޮންނެވި ކަންނޭގެއެވެ. ނުހިންގެވޭ ހާލުކޮޅުގައެވެ. މިހެން ވުމުން ދިވެހި ރައްޔިތުން ތާއަބަދު ތިބެނީ ބިރުން ސިހިސިހިއެވެ. މަޖިލީހުގެ މެންބަރަކަށް ވެސް ހަމަ އުފް އޭ ވެސް ބުނެލަން ނުކެރޭނެއެވެ. އެކަން ވަރަށް ރީއްޗަށް ސާބިތުވެއެވެ. ކަޅު ހުކުރަށްފަހު ބޭއްވުނު ޖަލްސާގައި ސަރުކާރުގެ ސިޔާސަތާއި ދެކޮޅު ބޭފުޅުން ތިއްބެވިއަސް އެއްވެސް އެއްޗެކޭ ވިދާޅުވާން ނުކެރުނީ މިހިރަހައި ތަޖުރިބާތައް އެގި ފެނިފައިވާތީއެވެ. އެޖަލްސާ ބޭއްވުނުއިރު ވެސް މަޖިލީހުގެ 2 މެންބަރަކާ ޚާއްސަ މަޖިލީހުގެ ހަތް މެމްބަރަކު ވީ އަނިޔާގެ ޗޭމްބަރު ތަކުގައެވެ.

ވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މަގާމްތައް މަތިވެ ކުރިއެރުމާއި ދިރިއުޅުމުގެ ތަނަވަސްކަން ލިބެމުން އަންނަނީ ވޯޓުފޮށިތައް ހިލުވާލާ %100 ރަގަޅު ފާހަގަތަކުން ފުރާލެވޭ އަތޮޅުތަކާއި ރަށްތަކުގެ ވެރިންނަށެވެ. މުޅި ދުނިޔެ މިހަގީގަތް ދަންނައިރު ވެސް މައުމޫނު ހަމަ ބުނަނީ ދުނިޔޭގެ މީޑިއާތަކުން އޭނާގެ ސަރުކާރާ ބެހޭގޮތުން ދޮގު ޚަބަރު ފަތުރަނީޔޯލައެވެ. ފަހެ މިއީ ކިހާ ހެއްވާ ކަމެއް ހެއްޔެވެ.

މިވޭތުވެދިޔަ ދުވަސްތަކުގެ އަނިޔާތަކުގެ ހިސާބުތައް އެހާދިސާތައް ދެކިފެނިފައި ތިބި މީހުންގެ ސްޓޭޓްމަންޓްތަކުން ފެނިގެން އެބަދެއެވެ. ލިސްޓު ދަނީ ދިގުވަމުންނެވެ. މިނުލަފާ އަނިޔާވެރިން ބޭޒާރުވެ މުޅި ދުނިޔެއަށް ހާމަ ވެގެން ދިޔައީ ދިވެހި ޒުވާނެއްގެ ފުރާނަ ދުއްވާލުމާއި ގުޅިގެން ޖަލުގައި ތިބި ކެރޭ ޒުވާނުން ކޮޅެއް އެއަނިޔާ އާއި އިދިކޮޅަށް ނުކުތުމުންނެވެ. އަދި އެކަން ފާޅު ކުރުމަށް ކެރޭ ޒުވާނުން ކޮޅެއް ކުރިމަތިލާ ބޭރު ދުނިޔެ ތެރެއަށް ނުކުތުމުންނެވެ. އެއަށްފަހު މައުމޫނަކީ އަނިޔާވެރިއެއް ކަމުގައި މުޅި ދުނިޔެ ވެސް ދެކެއެވެ. މީނާގެ ޚަސީލަތުގައި އަނިޔާވެރިވުން، ދޮގުހެދުމާއި މަކަރުވެރިކަމާއި ޚިޔާނާތްތެރިވުން، މަލާމާތާއި ފުރައްސާރަކުރުން، ބުނާ ބަހާއި އަމަލާއި ދިމާނުވުމާއި މިފަދަ ގިނަ ނުބައި ސިފަތައް ހުރެއެވެ.

ރައީސްގެ މަގާމުގައި ހުންނަ މީހަކީ އަހަރެމެންނަށް މަގުދައްކަން ހުންނަ މީހާއެވެ. އޭނާ އަނިޔާވެރި ނަމަ ރައްޔިތުން ވެސް އަނިޔާވެރި ވާނެއެވެ. ބީބީސީއަށް އަރާ ވައެލެންސް ވައެލެންސް ވައެލެންސް އޭ ރުޅި އައިސްފައި ބުންޏަސް ދިވެހިން ގަބޫލެއް ނުކުރާނެއެވެ. ވައެލެންސް ބަޔަކު ވީނަމަ އެއީ މައުމޫނުގެ ސިފައިންނާއި ފުލުހުން ދަސްކޮށްދީފައިވާ ކަންތައް ތަކެވެ. މިއީ ތާރީހުން އެގެން އޮތް ހަގީގަތެކެވެ. ވެރިމީހާ އަބުރުވެރި ވެއްޖިއްޔާ ރައްޔިތުން ވެސް އަބުރުވެރި ވާނެއެވެ. އިސްވެ ދެންނެވި އަނިޔާވެރިކަމުގެ އިތުރަށް މީނާ އަކީ އަޚުލާގީގޮތުން ވަރަށް ދަށް ފަންތީގެ މީހެކެވެ. މީހުންގެ އަނބީންނާއި ނަހަމަ ގުޅުން ހިންގައިގެން މުޅި އާއިލާއަށް ބޭޒާރުވެފައި ހުރި މީހެކެވެ. މިއީ އަމުދުން އިސްލާމީ ވެރިކަމެއް ހިގާ ގައުމެއްގެ ރައީސެއްގެ ގައިގައި ހުރެގެން ވާނެ ސިފައެއް ނޫނެވެ. މިއީ މައުމޫނުގެ ހުރި ވަރަށް ދަށް ފަންތީގެ ހުތުރު ސިފައެކެވެ. މިވާހަކަތަކަކީ މާލޭގައި ކީއްކުރަންތޯ މުޅި ރާއްޖެއަށް އާންމު ވާހަކަ ތަކެކެވެ. މިހުންނަނީ އެއްވެސް ތަނެއްގެ ވެރީންގެ ކިބައިގާ ހުންނަން އެއްވެސް ތަނެއްގެ ރައްޔިތުން ބޭނުންވާ ސިފައެއް ނޫނެވެ. މިކަހަލަ ވާހަކަތަކަކީ ލަދުވެތި ކަންތައްތައް ކަމުގައި ދެކޭތީއާއި އަދިވެސް މިކަންކަމާއި ގުޅޭ މީހުންގެ ދަރީންނާއި މީހުން ތިބުމާއި އެކު އިތުރަށް މިވާހަކަ ލިޔާކަށް ނެތީމެވެ. އަމިއްލަ ނަފުސް އަބުރުވެރި ނުކުރެވޭ މީހަކަށް ކެބިނެޓްގެ ބައެއް މެންބަރުން ފާޅުގައި މުޅި ރާއްޖޭގައި އެހާވަމުން އުޅޭ ހަޑިމުޑުދާރު ކަންތައްތައް ނުހުއްޓުވޭނެއެވެ.

ޖޫން މަހު މައުމޫން އިއުލާން ކުރެއްވި ސިޔާސީ އިސްލާހުގެ ޕްރޮގްރާމް އޭނާ އެއްގޮތަކަށް ވެސް ކުރިޔަށް ގެންދިޔަކަ ނުދިނެވެ. ރާއްޖޭގެ ރައްޔިތުންނަށް މިނިވަންކަމާއި އެކު ވާހަކަ ދައްކާ އެމީހުން ބޭނުންވާ ގޮތްތަކުގެ ޚިޔާލު ފާޅުކުރުމަށް އެކި ސިފަސިފާގައި ހުރަސް އަޅަމުން އެންމެ ފަހުން އެއްވެސް ބައްދަލުވުމެއް ނުބޭއްވޭ ގޮތަށް މިޚުދުމުޚުތާރު ވެރިކަމުން ނިންމީއެވެ. ދެން ލޮނު ޒިޔާރަތްކޮޅަށް މީހުން އެއްވެ ވާހަކަ ދައްކާތި އެތަނަށް ސިފައިން ފޮނުވީއެވެ. އެންމެ ފަހުން އެއީ ޣައިރު ގާނޫނީ އެއްވުމަކަށް ހަދަން މައުމޫނުގެ ޑިފެންސުން އިއުލާން ގޮވަން ފެށީއެވެ. ދެން ފަހަރަކު މީހަކު ހައްޔަރުކޮށް އެންމެން ހައްޔަރުކުރުމުގެ ޕޮލިސީގެ ދަށުން މީހުން ފުލުސް އޮފީހުގައި ބަންދުކުރަން ފެށީއެވެ. މިއީ ޣައިރު ގާނޫނީ ކަމަކަށް ނުވެއެވެ. އާއްމު ރައްޔިތަކަށް ހުރެ މައުމޫނު ރާއްޖެއަށް ހަތިޔާރު އެތެރެކުރުން އޭނާއަށް ވީ ފަޚުރަކަށެވެ. އަހަރެމެން މިނިވަންކަމާއި އެކު ވާހަކަ ދައްކަން އެއްވެ އުޅުން އޭނާ ދެކެނީ ޣައިރު ގާނޫނީ ކަމަކަށެވެ. ވާހަކަ ދައްކާތީ ބިރު އެގަންނަނީ ކޮންމެވެސް ގޮތަކަށް ތިމާއަށް ގޯސްކޮށް ކަންކަން ކުރެވިފައިވާތީ ކަން އަމިއްލަ ޒަމީރު ގަބޫލު ކުރާނެއެވެ. ކަން މިގޮތަށް ހިގިއިރު މީނާ ދެއްކެވި ވާހަކައިގާ ވިދާޅުވާ ޑިމޮކްރެޓިކް ވެރިކަމަށް ކިހާ މިންވަރެއްގެ މުހިންމުކަމެއް ދެވިފައި ވޭތޯއެވެ؟ ޑިމޮކްރަސީ އަކީ ގިނަ ބައެއްގެ ނިންމުންތަކަށް ތަބާވާ އުސޫލެކެވެ. ރާއްޖޭގެ %70 މީހުންނަށް ވަނީ މިކަމާމެދު ބަހެއް ބުނުމުގެ ޖާގަ ނުދީއެވެ. މީން މީނާ އަޑުހަރުކޮށް ގޮވި އިސްލާހު ގެނައުމުގެ ޕްރޮގްރާމްގެ ނިޔަތް ސާބިތުކޮށްދެއެވެ. އޭނާ އެވާހަކަ ގޮވިއިރު ބޭނުންވާ އިސްލާހު ތަކަކީ ގާނޫނު އަސާސީ އިސްލާހުކޮށް ބޮޑުވަޒީރަކު އައްޔަން ކޮށްގެން އޭނާގެ ވެރިކަން ކުރިޔަށް ގެންދިއުން ކަން އިތުރަށް އެގެން ބޭނުންވޭ ބާއެވެ؟ މީނާ ކުރިޔަށް އޮތް 10 އަހަރު ވެރިކަމުގައި ހުންނަން ބޭނުން ކަމުގައި އޭނާގެ ގާތް ފަރާތަކުން މައުލޫމާތު ދެއެވެ.

މިކަންކަން އިންތިހާއަށް ދިއުމުން މިއަދުގެ ޒުވާނުން ދިވެހިރާއްޖޭގެ މާދަމާއަށް ބޭނުންވާ ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމް ގާއިމް ކުރުމަށް އަތުކުރި އޮޅާލާ ނުކުތެވެ. ހުރިހާ މަގެއް ބަންދުކޮށްލީކަން ޔަގީން ވުމުން ހަރުކުލައިގެ ރައްޔިތުން ގޮވައިގެން ނުކުމެ އެމީހުންގެ ހިތްތަކުގައިވާ އުދާސްތައް އެކަކު އަނެކަކަށް ކިޔާދޭން ތިއްބާ، ސަރުކާރުން ސްޕޮންސަރ ކޮށްގެން މީހުން ނެރެ ހަމަނުޖެހުން އުފައްދާ، ކުށެއް ނެތް އެތައް ބަޔަކަށް އަނިޔާކޮށްފައި، ތިމަންނާ ހުށަހެޅި އިސްލާހު އަޔަނުދޭން އުޅޭ ބަޔެކޯ ކިޔާ ބޭރު ދުނިޔެއަށް ބުނެދޭން އުޅުނަސް އެކަން ގަބޫލުކުރާ ބަޔަކު ނުއުޅެއެވެ. ޑރ ޝަހީދު ވެސް ކިއުއްވަނީ ކޮންމެވެސް އެއްޗެއް އެމީހުން ޑިރެއިލް ކޮށްލީޔޯލައެވެ. 27 އަހަރު ވާންދެން މައުމޫނު އަހަރެމެންގެ އެންމެ އަސާސީ ހައްގުތައް ޑިރެއިލް ކޮށްގެން އުޅުނު ވާހަކަ ބުނަން ބޭނުމެއް ވެސް ނުވާނެއެވެ. ރައްޔިތުންގެ ލޯތްބާއި އިހުތިރާމަށް ވުރެ ޝަހީދު ވެސް ބޭނުންވަނީ ވަގުތީ ފައިދާއެވެ.

އަދިވެސް ޑިމޮކްރަސީ ގެނައުމުގެ މަސައްކަތް ކުރެވޭނީ ޒުވާނުންނަށެވެ. ހިތްވަރާއި ޖޯޝު ހުންނާނީ އަހަރެމެން ދުވަސްވީ މީހުންނަށް ވުރެ ޒުވާނުން ގައިގައެވެ. މާދަމާގެ ވެރިކަމަށް ބޭނުންވާ ބައްޓަން އެގޭނީ ވެސް އެމީހުންނަށެވެ. ގާނޫނާ ޚިލާފުވެފައި އޮތް ވެރިކަމަކާ ބައިވެރިވެގެން ގާނޫނު އަސާސީ އިސްލާހު ކުރެވިގެން ދިވެހިރާއްޖޭގައި މިހާރު މިއޮތް ވެރިކަމުން، ޑިމޮކްރަސީ ހަރުދަނާ ކުރާނެ ވާހަކަ އަކީ މުޅިން ހޮޅި ވާހަކައެކެވެ. އެކަން އެގޮތަށް ނުވާނެ ކަން ހިތުގެ އަޑީން ޒުވާނުން ކުރެއެވެ. ރާއްޖޭގެ ރައްޔިތުން މިމަކަރުވެރި ކަމުގެ ދަލުގައި ޖެހި ނޭގޭ ކަމަށް ހަދައިގެން ތިބުމުގެ ބޭނުމެއް ނެތްކަން ރައްޔިތުން ސާބިތުކޮށްދީފިއެވެ. ވީމާ ރާއްޖޭގެ މިހާރުގެ ވެރިކަން ވައްޓާލާފައި މިއޮތް އަދަވަޅުން ސަލާމަތް ކުރުމަށްޓަކައި އެމީހުން ދަންނަ ޒަމާނީ ސިފައިގާ މަސައްކަތް ކުރަން ފައްޓައިގެން އިތުރަށް ކުރިޔަށް ދާންވީއެވެ. “މިނިވަން ބަހުސް” ޖަލްސާތަކަށް ހުރަސް އެޅުމުން “ތިންބާރު ވަކިކުރުމުގެ” ބައްދަލުވުންތައް މާލޭ ލޮނުޒިޔާރަތްކޮޅުގައި ބާއްވާތީ އެކަމަކީ ގާނޫނާ ޚިލާފު ކަމަކަށް ހަދާ މީހުން ހައްޔަރުކުރަން ފެށުމުގެ ނަތީޖާ އަކީ ތިމާ އަމިއްލައަށް ފޭހުނު އިލޮށި ތިމާގެ ލޮލަށް ހެރުން ކަމުގައި ވެ ނިމިއްޖެއެވެ. ޣައިރު ގާނޫނީ ސަރުކާރުން ގޮވާ އިއުލާނު ތަކަށް އަޑުއެހުމެއް ނެތިއެވެ. ރާއްޖޭގެ ޒުވާނުން ވެސް ހަރަކާތްތެރި ކަމުން މައުމޫނުގެ ފައި މައްޗަށް ފޮއެ ވައްޓާލައިފިއެވެ.

މިކަމަށް އޮތް ހައްލަކީ ރައްޔިތުން އެކަމަށް ކުރިމަތިލުމެވެ. ފަރީދުގެ ޝަރީއަތުގައި ބައިވެރިވެ، ކަޅު ހުކުރުގައި ކާމިޔާބަކަށް ހެދި ގޮތަށް އަދިވެސް ރައްޔިތުން ބޭނުންވާ އިސްލާހުތައް ހޯދުމަށް ރައްޔިތުން ނިކުންނަންވީ އެވެ. ކެތްތެރިކަމާއި އެކުގައި މަގުމަތީގައި ދުވަސްކޮޅެއް ހޭދަކޮށްލުމެވެ. މިހާރު އޮތް ޣައިރު ގާނޫނީ ވެރިކަމުގައި ތިބި މީހުން ވެރިކަމުން ދުރުވެ ރައްޔިތުންގެ ހާއްސަ މަޖްލިހުން އައްޔަން ކުރާ ކޮމިޓީއަކުން ވަގުތީ ގޮތުން ވެރިކަމާ ހަވާލުވެ 3 މަސް ދުވަހުގެ ތެރޭގައި ޑިމޮކްރެޓިކް އުސޫލުގެ ދަށުން ރައްޔިތުންގެ މަޖްލިހާއި ހާއްސަ މަޖްލިސް އަލުން ހޮވައި، ޖެނެރަލް އިލެކްޝަނަކުން ވެރިކަމަށް ހޮވޭ ޕާޓީ އާއި ވެރިކަން ހަވާލު ކުރުމެވެ. މިހިސާބުން ދިވެހި ރައްޔިތުންގެ ވެރިކަމެއް ހިންގުމަށް އެކުލަވާލެވޭ ގާނޫނު އަސާސީ ނިމެން ޖެހޭނެއެވެ.

ވީމާ މިއަދުގެ ވެރިކަމަށް އޮތް ގޮތަކީ ވެރިކަން ދޫކޮށް ރައްޔިތުން އެދޭ ގޮތަށް އިޖާބަ ދިނުމެވެ. ރައްޔިތުން ތިބީ މިހާރު އޮތް ވެރިކަމުގެ އަދަވަޅުން ރާއްޖޭގެ ވެރިކަން ސަލާމަތް ކުރުމަށް އަތުކުރި އޮޅާލައިގެންނެވެ.

One Response

  1. these doccuments need to be made more public..people seem to forget the paiun so easily…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: